ގާސިމް އާއި ޕީޕީއެމްގެ ވަފުދު މާމިގިލީ އެއާޕޯޓްގެ ބޭރުގައި މަޑުކޮށްލައިގެން
ޕީޕީއެމް-ޕީއެންސީގެ އިސް ވަފުދެއް، ގާސިމްއާ ވާހަކަ ދައްކަން ސަންއަށް
މި މަހު 30ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމް-ޕީއެންސީއާ އެއްކޮށް ކޯލިޝަން ހަދަން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްއާ ވާހަކަ ދައްކަން ޕީޕީއެމްގެ އިސް ވަފުދެއް ސަން އައިލެންޑަށް މިރޭ ހިނގައްޖެ އެވެ.
ވީ ކިހިނެއް؟- ދެ ވަނަ ބުރުގައި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދު ހޯދަން ޕީއެންސީ-ޕީޕީއެމް ކޯލިޝަނުން މިހާރު ގެންދަނީ އެހެން ޕާޓީތަކާ އެކު މަޝްވަރާކޮށް އަދި އެއްބަސްވުންތައް ވެސް އެކުލަވާލަމުންނެވެ. އެގޮތުން މިއަދު ހަވީރު ވަނީ އެމްއެންޕީއާ އެކު ކޯލިޝަން އެއްބަސްމުގައި ސޮއިކޮށްފަ އެވެ.
ތަފްސީލު - ފުރަތަމަ ބުރުގައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެވަޑައިގަންނެވި ޖޭޕީގެ ކެންޑިޑޭޓް ގާސިމް، ޕީޕީއެމް-ޕީއެންސީ ކޮޅަށް އެރުވުމުގެ މަޝްވަރާތަކަށް ސަން އައިލެންޑަށް ދަތުރުކުރި ވަފުސާ، މާމިގިލީ އެއާޕޯޓުން މަރުހަބާ ދެންނެވީ ވެސް ގާސިމް އެވެ.
ގާސިމްގެ އެޑްވައިޒަރު އަހްމަދު ނިހާން މިރޭ ސޯޝަލް މީޑިޔާގައި އާންމު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދެވަނަ ބުރުގެ ކޯލިޝަންގެ މަޝްވަރާ އޮންނާނީ މިރޭ ސަން އައިލެންޑްގައި ކަމަށެވެ.
އޭނާގެ ޕޯސްޓް ފެއްޓެވީ 'ކުރިއަށް ދިވެހި ގައުމު' މިހެން ޖައްސަވައިފަ އެވެ.
ޕީޕީއެމް-ޕީއެންސީގެ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ:
-
މުއިއްޒުގެ ރަނިން މޭޓު އަދި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު
-
ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް
-
ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް
-
ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު
-
މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގު
އެނގުން މުހިންމު- ގާސިމަކީ ރާއްޖޭގައި މި ފަހުން ބޭއްވި ރިޔާސީ ތިން އިންތިހާބުގައި ވެސް ވަރަށް މުހިންމު ރޯލެއް އަދާކުރެއްވި ބޭފުޅެކެވެ. އެ ތިން އިންތިހާބު ކާމިޔާބުކުރެއްވި ކެންޑިޑޭޓުން ކޮޅަށް ގާސިމް އަރައިވަޑައިގަތުމަކީ ނަތީޖާ އެނބުރުމުގެ މައިގަނޑު އެއް ސަބަބު ވެސް މެ އެވެ.
އެކަމަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޮޑު ތަފާތަކުން ބަލިކޮށް މުއިއްޒު އެއްވަނަ ހޯއްދެވުމާ އެކު އެންމެ ފުރަތަމަ ޕީޕީއެމުން ބުނީ ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ހަދަން މަޝްވަރާ ނުކުރަން، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ލަފާ ދެއްވާފައިވާ ކަމަށެވެ. އެ ލަފައާ އެއްގޮތަށް އިއްޔެ ހަވީރާ ޖެހެންދެން ވެސް ޕީޕީއެމުން ޖޭޕީއާ މަޝްވަރާކޮށްފައެއް ނުވެ އެވެ.
ޕީޕީއެމް-ޕީއެންސީ އާއި ޖޭޕީގެ އިސް ބައެއް ބޭފުޅުން މިއަދު 'ދައުރު'އަށް ވިދާޅުވި ގޮތުގައި، ކޯލިޝަނެއްގެ މަޝްވަރާތައް ޖޭޕީއާ އެކު ފަށަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސްއާ އެކު ކުރި މަޝްވަރާތައް ކޮޅެއްގައި ނުޖެހުމުންނެވެ.
-
އިތުރަށް ކިޔާލަން - ޕީޕީއެމް އާއި ޖޭޕީން މަޝްވަރާއަށް؛ ޖޭޕީގެ ނިންމުން މާދަމާ